އައްޑޫ ސިޓީ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

27 މާރިޗު 2022

އައްޑޫ ސިޓީ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ. 
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަދި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަން ޖަޔަޝަންކަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރެވޭނެއެވެ. 
އެގޮތުން މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް ، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް މި މަޝްރޫޢުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރގެ ރީސާފޭސިންގ މަސައްކަތާއި، ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތިއާއި ސީސީޓީވީ ކެމެރާ ހަރުކުރުން އަދި އެހެނިހެން ޓާރެފިކް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެފްކޯންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ އައްޑޫ ސިޓީގައި މިހާތަނަށް ހިންގޭ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. 1،197،068،447.16 ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 26 މެއި 2023 އަށެވެ.