‎އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

05 އޮކްޓޯބަރު 2022

‎އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
އައްޑޫ ސިޓީ ހިތަދޫ ބޭރުމަތީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި.
‎އައްޑޫ ސިޓީ ޒީފަންނު ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްއެވެ.
‎މި މަޝްރޫޢުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 570 މީޓަރު ސަރަހަދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށް، 15×50 މީޓަރު ސަރަހައްދު ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މޫދަށް އެރޭ ސަރަހައްދުގެ ބޭރުން 100 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމްކުރުމަށްވެސް މަޝްރޫއުގެ ސްކޯޕްގެ ދަށުން ވަނީ ނިންމާފައެވެ.
‎ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 11،645،907.30 ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފައިވަނީ 25 ނޮވެމްބަރު 2021 ގައެވެ. އަދި، 5 އޮކްޓޯބަރު 2022 ގައި މޮބިލައިޒްވެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން، މުޅި މަޝްރޫޢުގެ އީއައިއޭގެ މަސައްކަތް ނިމި 07 ޖުލައި ގައި އީއައިއޭ ފާސްވެފައިވާއިރު މި މަސައްކަތް 12 ޑިސެމްބަރު 2022 ގައި ނިމޭނެ ކަމަށް ލަފާކުރެއެވެ.
‎ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ބައިވެރިވެފައިވެއެވެ.