ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އެޅުމަށް ހަވާލުކޮށްފި

07 ޖުލައި 2022

ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އެޅުމަށް ހަވާލުކޮށްފި
ހދ.ކުޅުދުއްފުށީގައި 400 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްޑާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން އެވެ. އަދި ދޮންބޭޒް އާއި ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒްގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫން އެވެ.
މި އެއްބަސްވުމުގެ ދަށުން ހދ.ކުޅުދުއްފުށީގައި 1000 އަކަފޫޓުގެ، 400 ހައުސިންގ ޔުނިޓު އިމާރާތް ކުރާނެ އެވެ. އެގޮތުން މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެ އެވެ. އަދި މި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމް ކުރާނެ އެވެ. 
މި ހައުސިންގ ޔުނިޓުތައް އިމާރާތް ކުރާނީ 11 ބުރިއަށެވެ. ހައުސިންގ ޔުނިޓުތަކުގައި ދެ ލިފްޓު ހުންނައިރު ގްރައުންޑް ފްލޯ ބޭނުން ކުރުމަށް ނިންމާފައިވަނީ ކޮމާޝަލް އަދި މެއިންޓަނަސް އޮފީސް އަކަށެވެ. އެތަނުގައިވާ ކޮންމެ އެޕާޓްމަންޓަކަށް އެސަރަހައްދުން ސައިކަލް ޕާކިންގ ޖާގައެެއް ދޭން ވެސް ވަނީނިންމާފަ އެވެ. 
439،991،160.00 ރުފިޔާއަށް ދޮންބޭޒް އަދި ޓުވެންޓީ ތާރޑް ކުންފުންޏާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަޝްރޫޢުއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.