ކޯޕަރޭޓް ޑިޕާޓްމަންޓް


ކޯޕަރޭޓް ޑިޕާޓްމަންޓް ބެހިގެން ވަނީ 7 ސެކްޝަނަކަށެވެ. މި ހުރިހާ ސެކްޝަންތަކެއްގެ ވެސް މައިގަނޑު މަސްޢޫލިއްޔަތަކީ މިނިސްޓްރީގެ މަސައްކަތްތަކަށް ބޭނުންވާ ސަޕޯޓް ސަރވިސް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ޗެޕްޓަރ 07 ގައި ޕާރމަނަންޓް ސެކްރެޓަރީ ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން ސަރުކާރުގެ ރަސްމީ އޮނިގަނޑުން މިނިސްޓްރީއަށް ކަނޑައަޅާފައިވާ މޭންޑޭޓް ތަންފީޒުކުރުމަށް ކުރަންޖެހޭ، އެންމެހާ މަސައްކަތްތަކަކީ ކޯޕަރޭޓް ޑިޕާޓްމަންޓްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކޯޕަރޭޓް ޑިޕާޓްމަންޓްގައި އެކުލެވިގެންވާ ސެކްޝަންތަކަކީ؛ އޮފީސް ހިންގުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތާއި، އޮފީސް ހުޅުވާ ހުއްދަ ތައްޔާރުކުރުމާއި، މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމާއި، މިނިސްޓްރީގެ ދަށުގައިވާ ވެހިކަލްތައް ބެލެހެއްޓުން އަދި އެސެޓް މެނޭޖްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ވިލަރެސް ކުރުމަށް އެކުލަވާލެވިފައިވާ އެޑްމިނިސްޓްރޭޝަން ސެކްޝަންއާއި، މިނިސްޓްރީގެ މަސައްކަތް ތަކަށް މުވައްޒަފުން ހޯދައި އެމުވައްޒަފުންގެ އެންމެހާކަންކަން ބަލަހައްޓައި، މުވައްޒަފުންގެ މައްޗަށް ސިވިލް ސާރވިސްގެ ގާނޫނާއި ގަވާއިދުގެ މަތިން ކަންކަން ތަންފީޛުކޮށް މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމާއި، މަސައްކަތްކުރުމުގެ މާހައުލު ރައްކާތެރި އަމާން ތަނަކަށް ހެދުމާއި މުވައްޒަފުންގެ މެދުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް އެކުލަވާ ލެވިފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންއާއި، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތާއި އަދި މިނޫންވެސް ތަކެތި މާލިއްޔަތު ޤަވާޢިދުގައިވާގޮތުގެ މަތިން، ދައުލަތުގެ ޕްރޮކިއުމަންޓްގެ ނިޒާމްގެ ތެރެއިން ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި، ޒިންމާދާރުކަމާއެކު، ހާމަކަން ބޮޑު ގޮތެއްގެ މަތިން އެ އިންތިޒާމް ހަމަޖެއްސުމަށް އެކުލަވާލެވިފައިވާ ޕްރޮކިއުމަންޓް ސެކްޝަންއާއި، އޮފީހުގެ ސަރވަރ ބެލެހެއްޓުމާއި، ކޮމްޕިޔުޓަރ ވިއުގާ ބެލެހެއްޓުމާއި، އޮފީހުގައި ބޭނުންކުރާ ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އެން.ސީ.އައި.ޓީން އޮފީހަށް ފޯރުކޮށްދީފައިވާ ގަވަރމެންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، އޮފީހުގެ ޕީ.އޭބީ.އެކްސް ސިސްޓަމް ބެލެހެއްޓުން ފަދަ މަސައްކަތްތަކަށް އެކުލަވާލެވިފައިވާ އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ސެކްޝަންއާއި، ކޮންމެ މާލީ އަހަރަކަށް ކަނޑައަޅާ ބަޖެޓާއި ޑިސްޕަރސްމަންޓް އަދި ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، މިނިސްޓްރީ އާއި މިނިސްޓްރީ ދަށުގައިވާ އޮފީސްތަކުގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި ކޮންމެ މީލާދީ އަހަރަކަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި، ލިބޭ ބަޖެޓް ޚަރަދު ކުރުމާއި ބަޖެޓާ ގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އަހަރީ މާލީ ހިސާބު ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތްތަކަށް އެކުލަވާލެވިފައިވާ ފައިނޭންސް ސެކްޝަންއާއި، މިނިސްޓްރީގެ އިވެންޓުތަކުގެ ފޮޓޯ އަދި ވީޑިއޯ ކަވަރޭޖް ނެގުމަށްފަހު މީޑިއާތަކަށް ފޯރުކޮށްދިނުމަށާއި، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާތަކުން ކުރާ ސުވާލުތަކުގެ ޖަވާބުތައް ހޯދުމަށްފަހު ފޯރުކޮށް ދިނުމުގެ މަސައްކަތްތަކަށް އެކުލަވާލެވިފައިވާ ޕަބްލިކް ރިލޭޝަންސް ސެކްޝަން އަދި މިނިސްޓްރީގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ބޭނުންވާ ޤާނޫނީ ލަފާ ދިނުމަށާއި، މިނިސްޓްރީގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި މިނިސްޓްރީގެ މައްޗަށް ކޯޓުތަކުގައި ހިނގާ ދައުވާތަކާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިއުންތައް އެޓަރނީޖެނެރަލްގެ އޮފީހަށް ފޮނުވުން ފަދަ ޤާނޫނީ މަސައްކަތަކަށް އެކުލަވާލެވިފައިވާ ލީގަލް ސެކްޝަންގެ މައްޗަށެވެ.